ދިވެހިންނަށް ރަނގަޅީ


ޅެން: ހުސައިން ސަލާހުއްދީން 

ހުސްރަވާދީގެ ޝަރޫދޭ އެހުމަށް އެންމެ މޮޅީ 
ހުސްނުބާނޫގެ ބަގީޗާ ދުށުމޭ ދެން ރަނގަޅީ 
ރުސްތުމަށް ލިބުނު ގުރުޒު ޒާލުޒަރުގެ ވާރުތައިން 
މުސްލިމުން ބަލިކުޅަ މިކުދިންނަށް ލިބުމޭ ރަނގަޅީ 

އުމަރު އައްޔާރުގެ ސުންބުލި މިއަދަށް އޮތްނަމައީ 
ދުމަހަ ކޮށްގެން ނެރެގެން ގެންގުޅުމޭ އަދި ރަނގަޅީ 

ޖޫދަރުގެ ކޮތަޅު ކަލޭނޭ ނެރެގެން ވީތަނަކުން 
ފޫހިނެތި ކައިއުޅުމަށް ވާނަމަ އަދިވެސް ރަނގަޅީ 

ކަނޑުވެ ޝަރުބަތު ކަމުގައި ވެލިވެ މުޅިން ހަކުރު ކަމަށް 
މަޑުވެ ފާރޮށި ކަމުގައިި ފަރުބަދަ އަދިވެސް ރަނގަޅީ 

މާމުޔާ ގޮތެޔޮ އުޑުން ވެހިވެހި ވާރޭ ކަމުގައި 
ކާނެވަރަކަށް ކެއުމަށް އަދިވެސް ވާނަަމަ ރަނގަޅީ 

ކަންނެތެއް ކަމަކު އަޖައިބެއްފަދަ ކަންނެތް ކަމުގައި 
ވަންހަ ނިމިދާއިރުވެސް ސޮހޮލުވެ ތިބުމޭ ރަނގަޅީ 

ވަހުމުތައް ގިނަވެ މަސައްކަތް ނުމެކޮށް ޣަފްލަތުގައި 
ރަހުމަތަށް އެދިއެދި ތިބުމޭ ދިވެހިންނަށް ރަނގަޅީ